ޖުމްލަ ރިޒާވް އާއި ޔޫޒަބަލް ރިޒާވް (ބޭނުންކުރެވޭ ރިޒާވް) ވެސް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ އޮތޯރިޓީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަސް ނިމުނުއިރު ޖުމްލަ ރިޒާވް ހުރީ 395 މިލިއަން ޑޮލަރެވެ. ނަމަވެސް އެ އަދަދު ވަނީ މިދިޔަ އޮގަސްޓު މަސް ނިމުންއިރު 444 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ހަމައެހެންމެ ބޭނުންކުރެވޭ ރިޒާވްވެސް ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ. އެގޮތުން ޖުލައި މަސް ނިމުން އިރު ބޭނުން ކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި ނަމަވެސް މިދިޔަ އޮގަސްޓު މަހު ނިމުން އިރު އެ އަދަދު ވަނީ 61 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

މަހުން މަހަށް ބަލާއިރު ބޭނުން ކުރެވޭ ރިޒާވަށް ކުރިއެރުން ލިބުނު ނަމަވެސް މި އަދަދަކީ އެއް މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެެވެ. ބޭނުންކުރެވޭ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމެވެ.

މި އަހަރުގެ ނިޔަލަށް، ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ހިމަނައިގެން ރަސްމީ ރިޒާވު 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭއިން ވަނީ އަންދާޒާކޮށްފައެވެ. ހަމައެހެންމެ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށްވެސް އެ އޮތޯރިޓީން އަންދާޒާ ކުރެއެވެ.

މީގެ އިތުރުން ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭ އިން އަންނަނީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.