ދަރުބާރުގެ ކައިރީ ބުދަ ދުވަހު ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސް ވި ޒުވާނާ، ގދ. ގައްދޫ އަށް ނިސްބަތްވާ މުހައްމަދު ލީވާން އަބްދުއްލަތީފް (21އ.) މަރުވެއްޖެއެވެ.
3 ދުވަހު ވެއްޓިލޭޓަރުގައި އޮތް ލީވާން މަރުވީ ރޭގެ ވަގުތެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގިން ގުޅޭ ސަރަހައްދުން ކާރަކާއި ސައިކަލް ޖެހިގެން ހިނގި މި އެކްސިޑެންުގައި ލީވާން ދުއްވަން އިން ސައިކަލްގެ ކުރީކޮޅު އެކީއެކަށްހެން އޮތީ ފުނޑުފުނޑު ވެފައެވެ.
ކާރަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި ވީ ނަމަވެސް ކާރުގެ ޑްރައިވަރަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ގިނަވެފައި ވާ މި ދުވަސްވަރު ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ހިނގާފައި ވެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިނ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.
އިއްޔެ ހުޅުމާލެ ފޭސް 2 ގައި ކާރަކާއި ސައިކެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވާ އިރު، އެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފަރުވާ ކުޑަ ދުއްވުމުގެ ސަބަބުން އެކްސިޑެންޓުތައް ހިނގުން އިތުރުވެފައި ވާ އިރު މިއަހަރުގެ މިހާތަނަށް މަގުމަތީގެ 1907 އެކްސިޑެންޓް ވަނީ ހިނގާފައެވެ.