ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. މި ހަރަކާތް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައިވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.

ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް މާލޭގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން / ފޮޓޯ: ފުލުހުން

ކުރީގެ އެންސެސްއެސް ގެ ދަށުން ގެންދިޔަ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 1 ގައި މަދަނީ ހިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.