މިއަދުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު 6:50 އެހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދުއްވި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަ ކަމަށެވެ.
އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުންދާއިރު އިއްޔެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.
އެ ހާދިސާގައި އަނިޔާވި ސަމާހު ނިޔާވެފައި ވަނީ ހާނިއްކަވުމުގެ ސަބަބުން އިތުރު ފަރުވާ އަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މީގެ އިތުރުންވެސް ދާދިފަހުން ހުޅުމާލޭގައި ނުރައްކާތެރި ގޮތަކަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގާ އެކަކަށް އަނިޔާވެފައި ވެއެވެ.
މި އެކްސިޑެންޓުތަކާ ގުޅިގެން ހުޅުމާލޭގައި ޑްރިފްޓްކުރުމަށާއި ރޭސްކުރުމަށް ވަކި ސަރަހައްދެއް ދީފައިވާ ހުއްދަ ބާތިލްކުރުން ހިމެނޭހެން 8 ފިޔަވަޅެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އަންގަވާފައެވެ. އެގޮތުން ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކޮށް ސްޕީޑު ލިމިޓަށް ވުރެ ބާރަށް ދުއްވާ އުޅަނދުފަހަރު ވަގުތުން ހުއްޓުވައި، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން ހިމެނެއެވެ.
އަދި ވަކި ސީސީ އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކޮށް އެއްގަމު އުޅަނދުފަހަރުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުންވެސް ވަނީ ހިމަނާފައެވެ.
މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން ހަރުދަނާކުރުންމި ފިޔަވަޅުތައް ތަންފީޒީ އިދާރާތަކާ ގުޅިގެން އަޅުއްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވެސް ވަނީ ވިދާޅުވެފައެވެ.