މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި އިބްރާހީމް އިކްރާމްގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިިއެވެ.

ބާރު ސްޕީޑުގައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް އިމާރާތްކޮށްފައި ހުރި ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި އެ ސައިކަލުގައި އިން މީހާ ވިއްސައިގެން ދިއުމުގެ ސަބަބުން އެ މީހާގެ ބުރަކަށްޓާއި ކަނދުރާގައި ރެނދުލާފައި ވެއެވެ.

މި މައްސަލައިގައި ކާރު ދުއްވަން އިން އިކްރާމާއި އިތުރު ދެ މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ
  • ޖިނާހު އިސްމާއީލް، އާޒާދުގެ / ގދ. ކަނޑުހުޅުދޫ

މީގެ ތެރެއިން އިކްރާމްގެ ބަންދަށް މި މަހުގެ ތިންވަނަ ދުވަހު ތިން ދުވަސް ޖަހައި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް މިއަދު ވަނީ އެއް މަސް އިތުރުކޮށްފައެވެ.

މި ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮތް މީހުންނެވެ.

ރޭ ވެސް ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައި، އެ ހާދިސާގައި އަނިޔާވި އުމުރުން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ. އެ ހާދިސާ އާ ގުޅިގެން، ގަވައިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގަވައިފައެވެ.

މި ހާދިސާ އާ ގުޅިގެން 26 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.