ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ބާރު ސްޕީޑްގައި ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހި ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގެ މައްސަލައިގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް އަލުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ހައްޔަރުކުރި ތިން މީހުންނަކީ އިކްރާމުއްރަހްމާން ހ. ނޫރަންމާގެއާގެ، އިބްރާހީމް އިކްރާމް މ. ލޭންޑް އޮފް ގާޑަން، ޖިނާހް އިސްމާއީލް ގއ. ކަނޑުހުޅުދޫ، އާޒާދުގެ އެވެ. މި ތިން މީހުންނަކީވެސް ކުށުގެ ރިކޯޑު އޮތް ތިން މީހުންނެވެ.
އެ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި، އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އެރޭ އޭނާ ހައްޔަރުކުރި އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ނަމަވެސް މިއަދު ހައިކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.
އިކްރާމް ދޫކޮށްލީ ވަކީލަކު ނެތި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން އެއީ ގޯހެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމުންނެވެ.
އިކްރާމް ދޫކޮށްލުމާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު އަލީ އިހުސާން "އެކްސް"ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިކުރާމް ދޫވެގެން ދިޔަ ގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެ މީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އަދި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހާއާ އެކު ސައިކަލުގައި ޖެހުނުލެއް ބާރުކަމުން އެ މީހާ އެ ވަގުތު ވިއްސައިގެންދާ މަންޒަރު އާންމުވި، ސީސީޓީވީ ފުޓޭޖްތަކުން ވަނީ ފެނިފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން ފިރިހެން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ބަލަ މިތިބަ އިންސާނުންނޭ! މި ފިލްމު ނިމޭނީ ރަތްކުލައިގައި ފުނޑު ފުނޑުވެ ގޮސްފައި އޮތް ކާރު ކުށްވެރިވެގެން
މިއީ ވާ ގައުމެއް ދޯ