ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް އަމަލު ނުކުރަން ފުލުހުން ނިންމުމުގައި ލަފާ ހޯދަން އެންމެ ރަނގަޅު ވާނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް އޮފީހުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމު ފުރުއްވި އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވާ މުހުތާޒު މިހެން ވިދާޅުވެފައި ވަނީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފާޅުކުރެއްވި ކަންބޮޑުވުމަކަށް ރައްދު ދެއްވަމުންނެވެ.
ހަމީދު ވިދާޅުވެފައި ވަނީ، ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އެންގި އެންގުމަށް އަމަލު ނުކުރަން ފުލުހުން ނިންމުމުގައި ޕީޖީގެ ލަފާ ހޯދޭނެ ކަމަށާއި އަދި އެކަން ދައުލަތުން ހައި ކޯޓުގައި ތަފްސީލް ކޮށްދޭން ޖެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި ފުލުހުން މިފަދަ ކަންކަމުގައި ގާނޫނީ ލަފައަކަށް އެދެނީ އެޓާނީ ޖެނެރަލްގެ ފަރާތުން ކަމަށް ވިޔަސް، މި މައްސަލާގައި އޭސީސީގެ އެންގުމުގެ ގާނޫނީ ހައިސިއްޔަތާ ގުޅޭގޮތުން ޕީޖީގެ ލަފާ ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުމަކީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެ މާއްދާގައި ވަނީ ޖިނާއީ ތަހުގީގުތަކާ ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކުގެ މަސައްކަތްތައް ބެލުމާއި ވިލަރެސް ކުރުމުގެ ބާރު ޕީޖީއަށް ލިބިދީފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. ގާނޫނުއަސާސީގެ މި މެންޑޭޓަށް ބަލާއިރު، ޕީޖީން މި މައްސަލައިގައި ލަފާ ދިނުމަކީ އެ އޮފީހުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
ހަމީދު މިހެން ވިދާޅުވުމާ ގުޅިގެން މުހުތާޒް ވިދާޅުވީ، ތިޔަ މައްސަލައިގައި ފުލުހުންނަކީ ތުހުމަތު ކުރެވޭ ފަރާތް ކަމަށާއި އެހާލަތުގައި ލަފާ ހޯދަން އެންމެ ރަނގަޅު ވާނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށެވެ. ތުހުމަތުކުރެވޭ ކޮންމެ ފަރާތަކުން ތަހުގީގުކުރާ އިދާރާތަކުގެ ބާރުވެރިކަމާ ބެހޭ ގޮތުން ޕީޖީގެ ލަފާނަގަން ވެއްޖެނަމަ އެއީ ދެކޮޅުޖެހޭ ކަމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފުލުހުންނަށް މި ޕްރޮމޯޝަން ދީފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެއާއެކު ގިނަ ބަޔަކު ކަނބޮޑުވުން ފާޅުކޮށްފައިވާ އިރު ފުލުހުން ބުނެފައި ވަނީ މިއީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި އިުއލާން ކޮށްގެން އެ އަހަރުގެ އޮގަސްޓް މަހު ދޭން ނިންމާފައިވާ ޕްރޮމޯޝަންތަކެއް ކަަމަށެވެ. އަދި ޕްރޮމޯޝަން އޭރު ހަވާލުނުކުރީ ރިޔާސީ އިންތިހާބު ކައިރިވެފައި އޮތުމާއެކު އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައިވާ އިރު، އެކަން މަޑުޖައްސާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޭސީސީން އެންގިއެވެ. ނަމަވެސް އޭސީސީގެ ނިންމުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ނިމެންދެން ޕްރޮމޯޝަންތައް މަޑުޖައްސާލުމުގެ އަމުރަކަށް އޭސީސީން އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އޭސީސީން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ
ހައި ކޯޓުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ އޭސީސީގެ އެންގުމަށް ތަބާނުވާން ފުލުހުން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދިން ލަފައަކަށް ބިނާކޮށް ކަމަށެވެ. ފުލުހުންގެ އިދާރީ ކަންކަމުގައި ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ފުލުހުން ތަމްސީލު ކުރުމުގެ ބާރު އޮންނަނީ އޭޖީ އޮފީހަށް ކަމަށް ވާއިރު، ޕީޖީގެ ގާނޫނީ ލަފާ ހޯދީ ކީއްވެގެންތޯ ފަނޑިޔާރުން ބެންޗުން ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ވަކީލް ވިދާޅުވީ އޭގެ ސަބަބެއް މިވަގުތު ސާފުނުވާ ކަމަށެވެ.
ދައުލަތުން ކޯޓުގައި ބުނެފައި ވަނީ، ކަންކަން ހުއްޓުވުމުގެ ބާރު އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނަށް ދީފައި ނެތް ކަމަށެވެ. އަދި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލާގައި 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަލާގައި ވެސް އެގޮތަށް ކަނޑައަޅާފައިވާތީ އެ ބާރު އެ ކޮމިޝަނަށް ނެތްކަން ސާފުވާ ކަމަށެވެ.
ރައްދުގައި އޭސީސީގެ ވަކީލުން ބުނެފައި ވަނީ ތަހުގީގުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެހެނިހެން ބާރުތައް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާތީ ކަންކަން ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް ލިބޭ ކަމަށް ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން ޕްރޮމޯޝަންތައް މަޑުޖައްސާލައިފި ނަމަ ފުލުހުންނަށް ލިބޭނެ ގެއްލުމަށް ވުރެ ޕްރޮމޯޝަންތައް ދިނުމުން ދައުލަތަށް ލިބޭނެ މާލީ ގެއްލުން މާ ބޮޑު ކަމަށް ބުންޏެވެ. އަދި އެކަން ހުއްޓުވަން އަމުރެއް ނެރެ ނުދީފިނަމަ އޭސީސީގެ ނިންމުންތަކަށް ތަބާނުވުމަކީ އާންމު ކަމަކަށް ވެގެން ދާނެ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ.