ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވި، އާދަމް އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އެބައޮތްކަމަށާއި މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފިއެވެ.
އެމްޑީޕީ އިން ނެރުނު ބަޔާނުގައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާލޭގައި އަންހެނަކު ރަހީނުކުރި އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އަމަލުކޮށްފައިވާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށް މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުދާ ދެނިކޮށް މަރުވި މައްސަލާގައި އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް ފާހަގަކޮށް އެމްޑީޕީއިން ބުނީ، އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމުގެ ސުވާލު އުފެދިފައިވާކަމަށެވެ. ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއްކަން ފާހަކޮށް އެމްޑީޕީ އިން ބުނީ މިއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީ އިން ވަނީ ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އަލިއަޅުވާލަމުން އެމްޑީޕީއިން ބުނީ ހިއްސާކުރި މައުލޫމާތުން އެގޭ ގޮތުގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން އޭނާއާ ހަމައަށް ފުލުހުންނަށް ދެވިފައިވަނީ 28 މިނެޓުންކަމަށެވެ.
"ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި މައުލޫމާތުތަކަށް ބަލައި މި ޕާޓީން ގަބޫލުކުރަން" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނައުމަށް ފަހު ވެސް އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ހިދުމަތުން ކަމަށްވާއިރު މިކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށް އެމްޑީޕީ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އިތުރަށް އެމްޑީޕީ އިން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންގެ ހިދުމަތުގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުން ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމުގައި އެ ޕާޓީން ދެކޭކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވީ އެންމެ އަވަހަށް ބޭއްވުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.
ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. އަދި ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއްކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްވެސް އެމްޑީޕީ އިން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެމްޑީޕީ އިން ވަީ އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.