ނިމިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ލަފާކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އޮގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވަނީ ވިއްސާރަވެ މާލެ ހިމެނޭހެން ގިނަ ރަށްތަކަކަށް ގެއްލުން ވެފައެވެ. ބައެއް ރަށްރަށާއި މާލޭގައި އާންމުންގެ ގެތަކަށް ގެއްލުންވެ ވަގުތީ ހިޔާތަކަށްވެސް ބަދަލުކޮށްފައި ވެއެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާ ކުރަމުން އެންޑީއެމްއޭ އިން ބުނީ މިދިޔަ މަހުގެ 8 ގެ ނިޔަލަށް ކުރި ވިއްސާރާގައި އެމަހުގެ ނިޔަލަށް 10 ރަށެއްގެ 89 ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ. ގެއްލުން ލިބުނު ރަށްތަކުގެ ތަފްސީލުތައް ހާމަކޮށްފައިވާއިރު މާލެ ހިމެނޭހެން ހއ.ހޯރަފުށި، ހއ.އުލިގަމު، ހއ.އިހަވަންދޫ، ހއ.ކެލާ، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، އއ.އުކުޅަސް، ސ.ހިތަދޫ، އަދި ސ.ފޭދޫ ގެ އެކި ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައެވެ.

އެ ވިއްސާރައިގެ ސަބަބުން އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 1،084،169 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ވަޒަން ކުރެވޭ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. އަދި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އަނެއްކާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު ރ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވާއިރު، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރޭ ދަންވަރު މެޓް އިން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.