މާލޭގައި އަންހެނަކު ކަރުގައި ވަޅި ޖައްސާ ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ހުއްޓާ އަމިއްލައަށް މަރުވި އަހުމަދު އަތުހަރުގެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލުތައް ބަލަމުން އަންނަކަމަށް އެޗްއާރްސީއެމް އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ބުނީ އިއްޔެގެ ވަގުތެއްގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ށ.މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުރު އޮގަސްޓް 29، 2024 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާގޮތް ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އަދި މި ހާދިސާގައި ފުލުހުންގެ ބެލުމުގެދަށަށް އާދަމް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރު ކޮށްދިނުމުގައި އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ބަލަމުން ދިޔަ ކަމަށެވެ.

މީގެއިތުރުން، އެޗްއާރްސީއެމްއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި އާދަމް އަތުހަރު ވަނިކޮށް ސެޕްޓެމްބަރު 01، 2024 ވަނަ ދުވަހު އޭނާ އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް މި މައްސަލަ ވެސް ކޮމިޝަނުން ބަލަމުންދާކަމުގައި އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ. އިތުރަށް އެޗްއާރްސީއެމް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އާދަމް އަތުހަރު ނިޔާވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާކަމަށެވެ.

އަހުމަދު އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖް ނޫސްވެރިންނަށް ރޭ ދައްކާލާފައިވާއިރު ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު ވަނީ ސޯޓެއްގެ ނާޑުވާއެއް ބޭނުންކޮށްގެން އޭނާ ބަންދުކޮށްފައި ހުރި ގޮޅީގެ ކުޑަދޮރުގައި އައްސައިގެން ދަންޖެހެން މަސައްކަތް ކޮށްފައެވެ. އޭނާ ދަންޖެހުނުތާ 30 މިނެޓް ފަހުން އޮފިސަރުން ވަދެ އޭނާ ސަލަމާތް ކުރަން މަސައްކަތް ކޮށްފައި ވެއެވެ.