މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ގެދޮރުވެރިކަމާއި ބެހޭ ޔޫނިއަންތަކުން ދީފިއެވެ.

ރައީސް މިއަދު ވަނީ ފްލެޓް ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ، މާލެ ރައްވެހިންގެ ޖަމިއްޔާ، ގެދޮރުވެރިކަމާ ބެހޭ ޖަމިއްޔާގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސްއާ ހިއްސާކޮށްފައެވެ.

އެގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި،އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ. އެގޮތުން ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ ފަރާތަކަށް، ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ހިލާފުނުވާނަމަ ގޯތި ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ ދައުވަތަށް ޔޫނިއަންތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އަދި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫޢުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނުގެ ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވާފައެވެ.

އެ ޖަމިއްޔާތަކުން ބައްދަލުވުން ނިންމާލުމަށް ފަހު މީޑިއާއަށް ދިން އިންޓަވިއުގައި ވަނީ އެ ފަރާތްތަކުގެ ގިނަ ކަންބޮޑުވުންތަކެއް ރައީސް އާއި ހިއްސާ ކުރެވުނު ކަމަށް ބުނެފައެވެ. އެގޮތުން ގެދޮރުވެރިކަމާ ބެހޭ ޔޫނިއަންއިން ބުނީ ބައްދަލުވުމަށް ދައުވަތު ދެއްވީ ރައީސް ކަމަށްވާއިރު ދެ ފަރާތުން ވެސް ވަރަށް ބައިވަރު މައުލޫމާތުތައް ބަދަލުކުރެވުނު ކަމަށާއި ބައެއް ކަންކަމުގައި އޮތް ކުށް ހީތައް ވެސް ފިލައިގެން ހިނގައްޖެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރެވޭނެ ޗެނަލެއް ހިނގައްޖެ ކަން ފާހަގަކުރަމުން އެ ޔޫނިއަންއިން ބުނީ ގެދޮރުވެރިކަމާއި ގުޅޭ އެކި ކަންތައްތައް ފުރިހަމައަށް ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން މިއަދު ރައީސް ދެއްވި ކަމަށެވެ.