ބާރު ސްޕީޑްގައި ދިޔަ ރޭސް ކާރެއް ކޮންޓްރޯލްނުވެ ސައިކަލެއްގައި ޖެހި، ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް ކައިރީގައި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހިމް އިކްރާމް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފިއެވެ.

ޖުލައި 31 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓާ ގުޅިގެން އިކްރާމް ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު، އިއްޔެ އޭނާ ދޫކޮށްލާފައި ވަނީ ވަކީލަކު ނެތި ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖެހުމުން އެއީ ގޯހެއް ކަމަށް ހައި ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އިކްރާމް އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެން ހިނގި މި އެކްސިޑެންޓާ ގުޅިގެން އިކްރާމްގެ އިތުރުން 2 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އިކްރާމުއްރަހްމާން ހ. ނޫރަންމާގެއާގެ އަދި ޖިނާހް އިސްމާއީލް ގއ. ކަނޑުހުޅުދޫ، އާޒާދުގެ އެވެ. މި ތިން މީހުންނަކީވެސް ކުށުގެ ރިކޯޑު އޮތް ތިން މީހުންނެވެ.

ކާރު ކޮންޓްރޯލުން ނައްޓައިގެން ގޮސް ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން މީހާއާ އެކު ސައިކަލުގައި ޖެހުނުލެއް ބާރުކަމުން އެ މީހާ އެ ވަގުތު ވިއްސައިގެންދާ މަންޒަރު އާންމުވި، ސީސީޓީވީ ފުޓޭޖްތަކުން ވަނީ ފެނިފައެވެ. މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި އިން ފިރިހެން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެގޮތުން އެމީހާގެ ކަނދުރާ އަދި ބެކްބޯންގައި ވެސް ރެނދުލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން އެ މީހާގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައެވެ.