ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ހިންގުމަށް ނިންމައިފިއެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިފަދައިން ނިންމާފައިވާއިރު، މި ޕްރޮގްރާމަކީ ރާއްޖޭގައި ބޮޑެތި އަދަދުތަކުން އިންވެސްޓުކުރާ އިންވެސްޓަރުންނަށް މި ގައުމުން ބޯހިޔާވަހިކަން ދޭން މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިހާރު ޕްރޮގްރާމް ކުރިއަށް ގެންދާއިރު ރާއްޖެއިން ބަލާނީ ދުބާއީ އާއި މެލޭޝިއާ ފަދަ، އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ވަރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފައިވާ ގައުމުތަކުގެ މޮޑެލްތަކަށް ކަމަށެވެ.

މި ފަސް އަހަރުތެރޭގައި މި ބަލަނީ ޑައިރެކްޓް އިންވެސްޓްމެންޓްގެ 1.1 ބިލިއަން އަދި އިންޑައިރެކްޓް އިންވެސްޓްމެންޓާ އެއްކޮށްލައިގެން ހަޔެއްކަ ބިލިއަން ޑޮލަރާ ހިސާބަށް އިންވެސްޓްމެންޓް ގެނެވޭނެ ކަމަށް މި ޕްރޮޖެކްޓުގެ ތެރެއިން.
އަލީ އިހުސާން

ނަމަވެސް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމަކީ އާ ކަމެއް ނޫންކަމަށާއި، އެއީ އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު އާ މަސައްކަތެއްގެ ގޮތުގައި އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން ވިދާޅުވި ނަމަވެސް މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި ކުރި މަސައްކަތެއް ކަމަށެވެ.

އެމްޑީޕީ ސަރުކާރުން ކޮށްފަހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއްނޫން. ނަމަވެސް އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނިއްޔޭ
ފައްޔާޒު އިސްމާއިލް

އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އާ ވިސާއެއް ކަމަށެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ ގާނޫނުގައި ނެތް ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އެފަދަ ހިދުމަތެއް ފޯރުކޮށްދީފައި ވާކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގެ މި މަސައްކަތަށް އޭރު ޕީއެންސީ އިން ފާޑުކީ ނަމަވެސް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދަން ސަރުކާރުން ނިންމުމަކީ ހެޔޮ ފާލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރި ނަމަވެސް މި ސަރުކާރުން ރެޒިޑެންސީ ވިސާ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ތަފާތު ވާނެ ކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ ރެޒިޑެންސީ ވިސާ ތައާރަފު ކުރީ އެމްޑީޕީގެ ސަރުކާރުގެ ކުރިން 2014 ހިސާބުގައި ކަމަށާއި އޭރު މި ވިސާގައި ޝަރުތެއްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކެއްގައި ބެހެއްޓުން ނުވަތަ 50 މިލިއަން ޑޮލަރު އިންވެސްޓުކުރުން ހިމަނައިފައިވާ ކަމަށެވެ. ސައީދު އިތުރަށް ވިދާޅުވީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން މި އަދަދު 250،000 ޑޮލަރަށް ދަށްކުރިކަމަށެވެ.

މި ސަރުކާރުން އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ދާއިރާއިން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ 5 ކުންފުނީގެ ތެރެއިން އެއް ކުންފުންޏާއެކު ކަމަށް ސައީދު ވިދާޅުވެފައިވާއިރު އެއީ ކޮން ފުންޏެއްކަމެއް ހާމައެއް ނުކުރެއެވެ.