ރޭގެ ވަގުތެއްގައި މާލެއިން ރަހީނުކުރި އަންހެނަކު ސަލާމަތްކުރުމަށް ފުލުހުން ކުރި މަސައްކަތް ފާހަގަކުރައްވައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން، ފުލުހުންނަށް ތައުރީފްކުރައްވައިފިއެވެ.

މާފަންނުގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން، ރޭ 9:45 ހާއިރު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމާއެކި މި މައްސަލައިގައި ޝާމިލުވާ ފިރިހެން މީހާ އަތުލައިގެންފައެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ ފުރަތަމަ މަސައްކަތް ކުރީ އަންހެން މީހާ ގޮވައިގެން ފިލުމަށެވެ. އެގޮތުން އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެންގޮސް ސައިކަލަކަށް އެރުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރުކުރިއެވެ. އެކަމަކު ފުލުހުން ވަނީ ފިރިހެން މީހާގެ ބޮލުގައި މުގުރުބުރިއަކުން ޖަހައި މަގުމައްޗަށް ވައްޓާލައިފައެވެ.

މަގުމައްޗަށް ވައްޓާލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފިރިހެން މީހާ އަށް ދަނީ ފަރުވާދެމުންނެވެ.

'އެކްސް'ގައި އިހްސާން ލިޔުއްވި ޕޯސްޓުގައި ވަނީ، އަންހެން މީހާ ސަލާމަތްކުރުމަށްޓަކައި ފުލުހުން ކުރި މަސައްކަތަށް ތައުރީފްކުރައްވައި ފުލުހުން ކުރި މަސައްކަތުން އެ އަންހެން މީހާ ސަލާމަތްކުރެވުނު ކަން ފާހަގަކުރައްވައިފައެވެ. ބައެއް ނޫސްތަކުގައިވާ ގޮތުން، ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހްގީގުކުރަން އިހްސާން ފުލުހުންނަށް އަންގަވާފައިވެއެވެ. އެކަމަކު އެ ޕޯސްޓްގައި އިހްސާން ވަނީ އެކަން ދޮގުކުރައްވައިފައެވެ.

ރޭ ހައްޔަރުކުރި ފިރިހެން މީހާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސެޕްޓެމްބަރު 2022 ގައި ހުކުމް ލުއިކޮށްދީފައިވާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ އަންހެން މީހާ އަކީ ފުލުހެކެވެ.