ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއީ އޯގަސްޓު 19، 2024 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާ އަބްދުالله ރަޝީދު ހުށަހެޅި މި ބިލުގެ ދަށުން، ރަށެއް ނުވަތަ ބިމެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރުމަށް އޮންނަ މުއްދަތަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވާގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/100,000 (އެއްލައްކަ) އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.

އަދި 6 (ހައެއް) މަސްދުވަހުގެ ފަހުން ފައިސާ ދައްކައި ހަލާސްކުރުމަށް ކުއްޔަށްހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް -/200,000 (ދެލައްކަ) އެމެރިކާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް މި އިސްލާހުގައި ކަނޑައަޅައިފައި ވެއެވެ.

ހަމައެހެންމެ، ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 (ސާޅީސްނުވައެއް) އަހަރު ދުވަހަށް އިތުރުކޮށްދިނުމުގައި އަމަލުކުރާ ގޮތަށްވެސް އިސްލާހު ގެނެސްފައިވެއެވެ.

އެގޮތުން، މިހާރު ބިލުގައި ބަޔާންކޮށްފައި ވަނީ ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ، މުއްދަތު އިތުރުކުރުމުގެ ފީ އެއްގެ ގޮތުގައި -/5,000,000 (ފަސްމިލިއަން) އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށެވެ. އަދި 6 (ހައެއް) މަސްދުވަހަށްފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާނަމަ، ފީ އެއްގެ ގޮތުގައި -/10,000,000 (ދިހަމިލިއަން) އެމެރިކާ ޑޮލަރު އެއްފަހަރާ ދައްކަން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާ (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން) ގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނެވުނު އިސްލާހަށް ބަލާއިރު، އެ އިސްލާހަށްފަހު ކުއްޔަށްދޫކުރާ މުއްދަތު އިތުރު 49 އަހަރަށް ދެން އިތުރުކުރެވޭނީ، މުއްދަތު އިތުރުކުރުމަށް މިހާރު ކަނޑައަޅައިފައިވާ -/5,000,000 (ފަސްމިލިއަން) ޑޮލަރު ދެއްކުމުގެ އިތުރުން، ކުއްޔަށް ހިފައިފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ހަލާސްކޮށްފައި ވާނަމައެވެ.

ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.