ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ސައުދީ އަރަބިއްޔާ އާއެކު ވެފައިވާ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާ އާއި، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓާ އެއަރޮޑްރޯމް އާއި ގުޅޭ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާއެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ ސައުދީގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައެވެ. މިއީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެއްބަސވްުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. ސައުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސާލޭ ބިން ނާސަރު އަލް ޖަސަރެވެ.

މި ރަސްމިއްޔާތުގައި ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް އަބްދުލް އަޒީޒް އަލް ދުއައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، ސައުދީގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.