ގއ. ދާންދޫ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް 2 އަަހަރުތެރޭ ދެ ބަޔަކާ ހަވާލުކޮށްގެން ވެސް އެ މަސައްކަތް ނުނިމި ގެއްލުންތަކެއް ލިބިފައިވާ އިރު، އެ ރަށު ކައުންސިލާއި ކުރީގެ ޔޫތް މިނިސްޓްރީގެ އިހުމާލުވުންތަކެއް ހުރި ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ގއ. ދާންދޫ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ދާންދޫ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް އިމާރަތް ކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ކޮންޓްރެކްޓަރާކާ ހަވާކޮށްފައި ވަނީ ސެޕްޓެމްބަރު 19، 2021 ގައެވެ. އެ ފަހަރު 3،639،901 ރުފިޔާއަށް އެ އިމާރާތް ކުރުމަށް ކޮންޓްރެކްޓަރަާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވީ، ނަމަވެސް އެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނިންމާފަ އިނުވާތީ މޭ 31، 2022 ގައި ވަނީ އެއްބަސްވުން ބާތިލް ކޮށްފައެވެ.

މި ކޮންޓްރެކްޓަރަށް އެޑްވާންސްގެ ގޮތުގައި 251،981 ރުފިޔާ ދީފައިވާ އިރު، މުއްދަތަށް މަސައްކަތް ނިންމާފައި ނުވުމުން ލިކުއިޑޭޓެޑް ޑެމޭޖަސް ގޮތުގައި 163،796 ރުފިޔާ އާ އެކު 415،777 ކައުންސިލުން ހޯދަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ. ނަމަވެސް މި އޮޑީޓް ކުރި ތާރީހް ކަމަށްވާ މޭ 23، 2023 ގެ ނިޔަލަށް ވެސް އެ ފައިސާ އަނބުރާ ހޯދަން ކައުންސިލުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ދާންދޫ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް ފުރަތަމަ ކޮންޓްރެކްޓަރާ އެކު ވީ އެއްބަސްވުން ބާތިލް ކުރުމަށްފަހު 2022 ގައި ވަނީ އެ ކޮމްޕްލެކްސްގެ ބާކީ ހުރި މަސައްކަތްތައް ކުރުމަށް އިއުލާން ކޮށްގެން އެ މަސައްކަތް 4،531،497 ރުފިޔާ އަށް ނިންމުމަށް ވަނީ އިތުރު ކޮންޓްރެކްޓަރަކާ އެކު ޖުލައި 21، 2022ގައި ވަނީ އަމިއްލަ ކުންފުންޏަކާއެކު އެއްބަސްވެފައެވެ. މި މަސައްކަތަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 679،724 ރުފިޔާ ދީފައި ވީ ނަމަވެސް، އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންތީއެއް ނަގާފައި ނުވާ ކަމަށާއި އެ ފައިސާ ނެގުމަށް އެގްރީމަންޓްގައި ހިމަނާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި މި ކޮންޓްރެކްޓަރު ވެސް އެއްބަސްވެފައިވާ މުއްދަތަަށް މަސައްކަތް ނިންމާފައެއް ނުވެއެވެ. މި ކޮންޓްރެކްޓަކަށް މަސައްކަތް ނިންމުމަށް 278 ދުވަސް ދީފައިވާ އިރު، އެ މުއްދަތު ހަމަވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހަށެވެ. އޮޑީޓް ކުރި ތާރީހް ކަމަށްވާ މިދިޔަ އަހަރުގެ މޭ 23 އާ ހަމައަށް އައި އިރު ވެސް އެ ކޮންޕލެކްސް އެޅުމުގެ މަސައްކަތް ނިމިފައެއް ނުވެއެވެ. އަދި 20 ފެބްރުއަރީގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ ތަފްސީލަށް ބާލައިރު އެ މުއްދަތާ ހަމައަށް ނިމިފައި ވަނީ އެ މަސައްކަތުގެ 28 ޕަސެންޓް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އޮޑިޓަރުން ދާންދޫ އިންޑޯ ބެޑްމިންޓަން ކޮމްޕްލެކްސް އިމާރަތް އަޅަމުން ދިޔަ ސައިޓް އިންސްޕެކްޓް ކުރި އިރު، އެ އިމާރާތުގެ ދެ ފާރު ވަނީ ވެއްޓިފައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެތަން އިމާރާތް ކުރަމުން ގޮސްފައިވަނީ ކުރެހުމާ އެއްގޮތަށް ނޫން ކަމަށާއި މި މަސައްކަތް އިންޖިނިއަރިން ކޮންސަލްޓެންސީއަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތަކަށް ވީ އިރު މި ކަން އެ ކައުންސިލުން ހަވާލުކޮށްފައި ވަނީ އެ ކައުންސިލްގެ މުވައްޒަފަކާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އިމާރާތުގެ ފާރު ވެއްޓުނު މައްސަލައިގައި އެ ކައުންސިލުން ޔޫތް މިނިސްޓްރީއަށް ސިޓީއަކުން އެނގި ކަމަށް ކައުންސިލުން ބުނި ނަމަވެސް އެ މިނިސްޓްރީން އެތަން އިންސްޕެކްޓް ކުރުމަށް ދާންދޫއަށް ގޮސްފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އަދި އެ އިމާރާތުގެ ހަލާކުވެފައި ތަންތަން ރަނގަޅުކޮށް އެތަން ބޭނުންކުރެވޭ ހާލަތަށް ގެނައުމަށް ކޮންޓްރެކްޓަރަށް އަންގައިގެން ކައުންސިލުންނާއި ޔޫތް މިނިސްޓްރީން ވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.