ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 11 ގެ ކުރިން ނަގަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ވަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 11 ގެ ކުރިން ނަގަން އަންގާ ޕާކިން ހުސްކުރުމަށް ބޭނުންވާ މަގުތަކުގެ ޗާޓެއްވެސް ހިއްސާ ކޮށްފައެވެ.

ފުލުހުން ބުނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ހިނެމޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އެންގީ ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

މީގެއިތުރުން މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި އެހެން ޒޯން ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އުޅަނދުތައް ހުޅުމާލެ ލޮޓް ނަންބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމު ހަމަޖައްސާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވީ އެންމެ އަވަހަކަށް މި އުޅަނދުތައް ހާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އެދިފައެވެ. އަދި މި އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.