ޑްރަގް ކޯޓުގެ އަމުރުގެ ދަށުން ނުވަތަ އަމިއްލައަށް ބޭނުންވެގެންވެސް، ހިންމަފުށީގެ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން ޖެހޭ މީހުންގެ ކިޔޫއެއް މިހާރު ނެތްކަމަށް ނެޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ އެ ކިޔޫ މިހާރު ނެތް ކަމަށް ބުނުމުން އެއީ ބައެއް މީހުންނަށް 'ޝޮކަކަށް' ވެދާނެ ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލަމާތްވުމަށް ބޭނުންވާ މީހުންގެ އަދަދު ގިނަވެ ކިޔު ދިގުވުމާއި ގުޅިގެން ފަރުވާ ލަސްވަމުންދާ ކަމުގެ ޝަކުވާ މީގެ ކުރިންވެސް ގިނަ ބަޔަކު ކޮށްފައިވާއިރު ރާޝިދު ވިދާޅުވީ މިހާރު އަމިއްލައަށް އިސްނަގައިގެން އަންނަ މީހުންނަށްވެސް ފަރުވާ ދިނުން އަވަސްވާނެ ކަމަށެވެ.
އެންޑީއޭއިން ހިންގާ މެތަޑޯން ޕްރޮގްރާމަށް ބަދަލު ގެނައުމަށް އެ ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓާލާފައި ވާއިރު ރާޝިދު ވިދާޅުވީ މެތަޑޯން ޕްރޮގްރާމްގައި ބޮޑު ކިއުއެއް އެބައޮތްކަމަށެވެ. އަދި އެ ޕްރޮގްރާމް އެކުލަވާލަނީ، ފަރުވާ ހޯދާ މީހުންނަށް ހެޔޮ ބަދަލެއް އަންނާނެ ގޮތަށް ކަމަށާއި މިހާރު ޕްރޮގްރާމްގެ ކަންތައްތައް ނިންމުން އޮތީ ފަހު މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާޝިދު ވިދާޅުވީ ފަރުވާގެ ތެރެއަށް އަމިއްލައަށް ކުދީން ވަންނަ ނަމަވެސް ސެންޓަރުގެ އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށާއި އެ ކަންކަމަށް ކުރިއަށް އޮތް ތަނުގައި ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ކޯޓުން އަމުރުކޮށްގެން ވައްދާއިރު ފަރުވާއަށް އެއްބާރުލުން ދޭންޖެހޭވަރަށް ނުދޭނަމަ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑީއޭއިން ބޭނުންވަނީ ފުލް ކެޕޭސިޓީގައި ފަރުވާދޭންކަން ފާހަގަކުރަމުން ރާޝިދު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ފަރުވާ ދިނުމަކީ އަމާޒެއް ކަމަށެވެ.