ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން، ސިޔާސީ ފަރާތްތަކުން އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓު ބޭނުން ކޮށްގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރާ މައްސަލާގައި ހިމެނޭ މީހުންނާއި މައުލޫމާތު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހްގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަކީކީ ރުފިޔާ އެކައުންޓްގެ ކާޑުތަކެއްނަމަ، ޑޮލަރު ނުދޭން ބީއެމްއެލްއިން ނިންމި ނަމަވެސް ބޭންކްގެ ރެގިއުލޭޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދަށް ބަލައި ބީއެމްއެލްއިން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް މިހާރު ކުރެވެއެވެ.

ރުފިޔާ ކާޑަށް ޑޮލަރު ދިނުން ބީއެމްއެލް އިން ހުއްޓާލި ހުއްޓާލުމަކީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތާ ހިލާފު އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ސަރުކާރުން ބީއެމްއެލްއާ އެކު މަޝްވަރާތައް ކުރި ނަމަވެސް އެ ބޭންކުން އެންމެ ފަހު ނިންމުން ނިންމީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

މިއީ ބީއެމްއެލް އިން ވަޣާވާތެއް ކުރަން އުޅުނު ކަމަށް ދޭހަވާގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވާހަކަ ދައްކަވާފައެވެ. ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާ އަށް ވެސް ގޮވާލައްވާފައެވެ.