ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުޅުއްވި ޑްރާމާއެއްހެން ހީވާ ހިސާބަށް އެމަނިކުފާނުގެ ވާހަކަތައް ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ޔާމީންގެ އެންމެ އަރިސްއެއް ބޭފުޅެއްގެ ގޮތުގައި އުޅުއްވި، އަދި އެމަނިކުފާނަށް އަބަދުވެސް ވަަރަށް ބޮޑަށް ތާއިދުކޮށް ތައުރީފުކުރެއްވި އަބްދުއްރަހީމް ސަންގު ޓީވީގެ ޕްރޮގްރާމެއް ވާހަކަދައްކަމުން ވިދާޅުވީ އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތައް ޔާމީން ފަތުރަމުން ގެންދާތީ، އެމަނިކުފާނުގެ އަސްލު ސިފަ މިހާރު ރައްޔިތުންނަށް ސާފުކޮށް ފެންނަން ފަށާފައިވާކަމަށެވެ.

ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި ހާދިސާއަށް އަލިއަޅުއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެކަން ކުރީ މީހާރު ޔާމީންގެ އަރިހުގައި ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒްކަމަށް، އެ ހާދިސާ ހިނގި ދުވަސްވަރު އެ މަނިކުފާނު ވިދާޅުވިކަމަށެވެ. "އަޅުގަނޑުމެން އެންމެންގެ ގާތު ޔާމީން ވިދާޅުވީ ލޯންޗު ގޮއްވާލީމާ ބޭރަށް ނިކުންނެވީމޭ. އޭރު ބޮޑު ފަލަމާ ދިމާލުގައި އެތާ ހުއްޓޭ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް. ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ. އޭނާ އެ އަމާޒު ކުރަނީ ޔާމީންގެ ކައިރީ އެހެރި ޕާޕާއަށް." އަބްދުއް ރަހީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ލޯންޗު ގޮއްވާލި މައްސަލާގެ ޝަރީއަތް ހިގަމުންދިޔައިރު އެއީ ޑްރާމާއެއް ބާ އޭ އޭރު ހިތަށް ނާރާކަމަށެވެ. އޭރު އިތުބާރުކުރެއްވީ ޔާމީން ދެއްކެވި ވާހަކަތަކަށްކަން ފާޙަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެހެންނަމަވެސް ޔާމީން މިއަދު ދައްކަވާ ވާހަކަތަކުން ފެންނަ މަންޒަރު ތަފާތުކަމަށެވެ.

ޔާމީން ހައްޖު އަޅުކަން އަދާކުރެއްވުމަށްފަހު، މާލެ ވަޑައިގަންނަވަނީކޮށް ރިޔާސީ ލޯންޗު ގޮވީ މާލޭ ފަޅަށް ވަދެ ތޮއްޓާއި ގާތްކުރަނިކޮށެވެ. އެ ހާދިސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އެކިވެރިގެ އަނިޔާވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ދީފައިވާއިރު މި މައްސަލައިގައި ތުހުމަތުގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށް ތަހުގީގު ހިންގިއެވެ. އަދި އޭރު މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރަކަށް ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒް އަލީ މައްސަލައިގެ ތަހުގީގީ އުސޫލުތަކާ ހިލާފަށް ހެކި ނެގި ކަމަށް ބުނެ ދެ އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.