ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސްއޮފީހުން ވަނީ ފެނަކައިގެ ސައްތައިންސައްތަ ހިއްސާ އެސްޓީއޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށް ބުނެފައެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މި ބަދަލު ގެނައުމަށްޓަކައި އެސްޓީއޯ ގެ އަސާސީ ގަވައިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރު އެސްޓީއޯ އަށް ލިބިގެންދާނެއެވެ. މީގެއިތުރުން އެސްޓީއޯ ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ އިހުތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިން ކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު ދިނުމަށް ވަނީ ނިންމާފައެވެ.

ރައީސް މިފަދައިން ނިންމަވާފައިވަނީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދިނުމާއެކު ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.

މި އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތްތައް ނިންމުމަށް ރައީސް ވަނީ ނިންމަވާފައެވެ.