އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި އެހެން ޒޯން ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭ ޒޯންގައި ދުއްވާ ދުއްވުމާއި، ގަވައިދާ ހިލާފަށް ޕާކް ކުރުން ހުއްޓުވާ، ގާނޫނުގެ ތެރެއަށް ގެނައުމަށްޓަކަައި ޓްރާންސްޕޯޓު މިނިސްޓްރީން ކަމާ ގުޅުން ހުރި އެހެން މުއައްސަސާ ތަކާ ގުޅިގެން ހުޅުމާލެ ލޮޓް ނަންބަރު 452 ބިމުގައި މިފަދަ އުޅަނދުތައް ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވީ އެންމެ އަވަހަކަށް މި އުޅަނދުތައް ހާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އެދިފައެވެ. އަދި މި އެންގުމާ ހިލާފުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިހުރި އުޅަނދުފަހަރު ގަވައިދަށް ފެއްތުމަށް ފުރުސަތެއް ދޭން ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެކަމަކު މި ޖާގަ ދެވެނީ ހަ މަސް ދުވަހަށް ކަމަށާއި މިކަން ކުރަނީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

40 ހާސް އަކަފޫޓުގެ މި ބިމުގައި ހަތަރު ފޮރޮޅުލީ 200 ވަރަކަށް އުޅަނދުފަހަރު ބެހެއްޓޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.