ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ހައުސިން މިނިސްޓްރީއިން ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

އެފްޑީސީއިން ބުނީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބެނޭ ޔުނިޓެއް ކަނޑައެޅުމުގެ މަސައްކަތްތަކަކީ ހައުސިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ފްލެޓް ހަވާލުކުރުމާ ގުޅޭ ކަންކަމުގައި އެފްޑީސީއިން އަމަލުކުރަމުން ގެންދާނީ ހައުސިން މިނިސްޓްރީއިން އަންގާ ގޮތެއްގެ މަތިން ކަމަށް އެފްޑީސީއިން ބުުނެއެވެ. އަދި ޔުނިޓު ހަވާލުކުރުމާ ގުޅުންހުރި އެންމެހާ ކަންކަން މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީއިން އެ ކޯޕަރޭޝަނަށް އަންގާފައިވާކަން އެފްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ފްލެޓް ހަވާލުކުރުމާ ގުޅޭ ގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީއިން ވަކިގޮތެއް އެންގުމުން ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ 17 އަދި 18 ބުރީގެ 32 ޓަވަރު އެޅުމުގެ މަސައްކަތް ހުޅުމާލެ 2ގައި ދަނީ ކުރަމުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އެގައުމުގެ 2 ކުންފުންޏެއް ކަމަށް ވާ ޖޭއެމްސީ އާއި އެންބީސީސީ އަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ގިނަ މައްސަލަތައް ފާހަގަވެ މި ސަރުކާރުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން، އެ ކޮމިޝަނުންވެސް ވަނީ މައްސަލަ ތަހްގީގުކޮށްފައެވެ. އަދި ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު އަންނަ އޮކްޓޯބަރު މަހު އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.