ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދީފައި ވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ހަތަރު މެންބަރުން މިއަދު މަގާމުން ވަކި ކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރި މެންބަރުންނަކީ؛

  1. މުހައްމަދު މުނައްވަރު އަލީ - ރައީސް
  2. ހުސައިން ޒައިދާން ޖަލީލް - ނައިބު ރައީސް
  3. އަހުމަދު އަޝްރަފް - މެންބަރު
  4. ހަދީޖާ ނައީމް - މެންބަރު

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ މައްސަލަ ބެލުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެ ޓްރައިބިއުނަލްގެ އެއް މެންބަރު ފިޔަވައި ހުރިހާ މެންބަރުން ވަކި ކުރުމަށެވެ. މަގާމުން ވަކިނުކުރަން ނިންމީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއީލް ސާޖިދު އެކަންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅިގެން ކޮމިޓީން ބޭއްވި ސިއްރު ބައްދަލުވުމުގައި މައްސަލަ ބަލާފައިވާއިރު ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީ އާއި ބައްދަލު ކުރައްވާފައެވެ. އަދި އެތަނަށް ކޮމެޓީގެ މެންބަރުން ޒިޔާރަތްކޮށް، ހާލަތު ބަލާފައިވެއެވެ.

ކޮމިޓީއިން ބެލިބެލުމުގައި ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭއިރު މި މައްސަލަ ބެލުމަށް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ. އަދި ޓްރައިބިއުނަލް އޮފީސް ހިންގަމުންދަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ޖާގައިގެ އޮފީހަކަށް ވާތީ ދައުލަތަށް މާލީ ބުރަ ކުޑަކުރަން އަންގާފައި ވާއިރު ޓްރައިބިއުނަލްގެ ބެންޗް ކަނޑައެޅުމާއި ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތްއޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅާފައި ވެއެވެ.