ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާންތައް ބާތިލުކޮށް، އަލުން އެ ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައެވެ.
އެ އިއުލާންތައް ބާތިލުކުރުމަށްފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ހުޅުވާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއާއެކު ރައީސް އޮފީހުން މިއަދު ބުނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ބ. ތުޅާދޫ، ގުލްބަހާރުގެ އިބްރާހީމް އަފީފު އަދި ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރުކަމަށް ދ. މީދޫ، އަކިރިވިލާ ޝަވްފާ އިބްރާހީމް އައްޔަންކޮށްފައިވާ ކަމަށެވެ.
ރައީސް، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ދެ މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ދެ ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.