ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އިންތިހާބު ކޮށްފިއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލްގައި ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރަނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެގޮތުން ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ހޮވިވަޑައިގެންނެވީ އަބްދުލްޣަނީ އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ ހަސަން ޒުހައިރު މުހައްމަދެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީގެ ކުރިން ފަސް މެންބަރުން ތިއްބަވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ލަފަޔާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަތަރު މެންބަރަކު ވަކިކުރައްވާފައެވެ. އެގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ރައީސް އޮފީހުން ހުޅުވާލުމުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ޖުޑީޝަރީ ކޮމިޓީން ވަނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު ހަތް ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅިއެވެ. އަދި އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވަނީ އެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރައްވައިފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަން ކުރި މެންބަރުންނަކީ ގ. މާވަރުލު، ހަސަން ޒުހެއިރު މުހައްމަދު އާއި ގ. އަލިޝާ، އިބްރާހިމް ޝަރީފް އާއި ގއ. ނިލަންދޫ، ޝިފްޒާ އަބްދުލްގައްޔޫމް އަދި ހ. ހޯސްޓްސައިޑް، އަބްދުލްޣަނީ މުހައްމަދެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން އަބްދުލްޣަނީ އަކީ ހައި ކޯޓުގެ ފަނޑިޔާރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. އެއަށް ފަހު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުއެވެ. އޭނާ އެ މަގާމުގައި ހުންނަވަނިކޮށް 2019 ވަނަ އަހަރު މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ.