ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓްތައް ހެދުމަށާއި ރިނުއުބަލް އެނާޖީގެ ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރެވޭ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އަދި ސީއީއޯ އާއި ބައްދަލުކުރެއްވުމުގެ ކުރިން ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ޑިވެލޮޕްމަންޓް ބޭންކް ރާއްޖޭގައި ގައިމުކުރެވި އެ މަސައްކަތް ފަށައިގެނެވި ރިއަލްސްޓޭޓާއި، ހައުސިންގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއްގެ ގޮތުން އެ ބޭންކު ވެގެންދާނެ ކަމަށެވެ.

މިއީ ވަރަށް ތާރީހީ ކަމެއްގެ ފެށުންކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް ސީއީއޯ އާއި ޗެއާމަން އަކީ ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އިގްތިސާދު ޑައިވާސިޓީކޮށް، އިގްތިސާދު ކުރިއެރުވުމަށްޓަކައި ކަނޑައަޅާފައިވާ މެނިފެސްޓޯގެ އެންމެ މުހިއްމު އެއް ވައުދަކީ ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރުން ކަމަށާއި އެކަން ކާމިޔާބު ކުރެވިއްޖެކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ އަހުމަދު އަލީ އާއި ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދާއި އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓްއެވެ.

ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އިރުޝާދާއެކު އުފެއްދި މި ބޭންކު ހިންގުމަށް ބޭނުންވާ ލައިސެންސަށް އެދުނީ މިދިޔަ ޖުލައި މަސް ތެރޭގައެވެ.