މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ މިތަނުގައި ވައްކަން ކޮށްފައިވާ ކަމަށް އޮގަސްޓު 21 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ވައްކަން ކުރި ތަކެތި ހޯދުމަށް ކުރި މަސައްކަތުން އެ ތަކެތި ހޯދިފައިވާ ކަމަށެވެ.

އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މޮބައިލް ފޯނާއި، މެޑަލްއާއި، ޓޯކެން ގެ އިތުރުން އެހެނިހެން ތަކެތިވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ދާދި ފަހުން ފުލުހުން ވަނީ ނޯތު ހާބަރުގައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއްވެސް ބަލާފައެވެ. އެގޮތުން އެ ޓައްޕުތަކުގެ އަދަދު 50،000 ރުފިޔާއަށް އަރާނެ ކަމަށާއި ނަމަވެސް މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގައި މި ފަހަކުން ވައްކަމާއި ފޭރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވައްކަމުގެ 1،939 މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައި ވެއެވެ.