ކޭޝް ކާޑުތަކުގެ ޕޭމަންޓު މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން ގައުމީ ބޭންކް (ބީއެމްއެލް) އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފިއެވެ.
ބޭންކުން ދޫކުރާ ޑެބިޓް ކާޑާ ގުޅިފައިވާ މައި އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ، މިއަދުން ފެށިގެން އެ ކާޑުތަކުން ޑޮލަރެއް ނުކެނޑޭނެ ކަމަށް ނިންމާ އެކަން އިއުލާން ކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އާންމުންގެ ކަންބޮޑުވުންތަކުގެ އިތުރުން އެމްއެމްއޭގެ އިރުޝާދާއެކު އެ ނިންމުން ބަދަލުކޮށް މިއަދު ހަވީރު ވަނީ ކުރީގެ ގޮތަށް ރުޖޫއަ ކޮށްފައެވެ.
އެއަށްފަހު އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދާ އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން ބީއެމްއެލް އާއިއެކު އެމްއެމްއޭއިން މަޝްވަރާ ކުރިކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށެވެ.
އަދި ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާ ކަމަށާއި މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިންގ ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އަހަރުން އަހަރަށް އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަދި 2023 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 307 މިލިއަނަށް އިތުރުވެފައެވެ. ހަމަ އެއާއެކު މިއަހަރުވެސް މި އަދަދު ވަނީ އިތުރުކޮށްފައެވެ. މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އަދި ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، ބަދަލުތައް ވެގެންދާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކަކަށް ކަމަށެވެ.