މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލ. އިސްދޫގައި ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، މާފޮޅޭގެ، މުހައްމަދު އަފްރާޒް (28އ) އަދި ގއ. ވިލިނގިލި، ފުނަމާގެ، އަހުމަދު ރިޝާހު (34އ) ކަމަށެވެ.

ފުލުހުން ބުނީ މުހައްމަދު އަފްރާޒް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަން 236.3 ގްރާމަށް އަރާ ކަމަށެވެ. މި މައްސަލައިގައި ކޯޓުން ވަނީ އަފްރާޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ދެން ހައްޔަރުކުރެވުނު ރިޝާހު ހައްޔަރުކުރީ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ވިލިނގިލި މަގުމަތިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިޝާހުގެ މައްޗަށް ވެސް ކޯޓުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ގެންދަނީތަހުގީގު ކުރަމުންނެވެ.