ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 80 ހާހަށް ވުރެ ގިނަ ޑޮލަރާއެކު ބަންގްލަދޭޝްގެ ރައްޔިތަކު ރާއްޖޭގެ މައި އެއާޕޯޓުން އަތުލައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ބަންގްލަދޭޝްގެ މައި އެއާލައިން، ބަންގްލާ އެއާލައިންގެ ބޯޓެއްގައި އެ ގައުމުގެ ވެރިރަށް ޑާކާ އަށް ފުރަން ގޮސް ހުރި މީހަކު ވެލާނާ އެއާޕޯޓުން މިއަދު ހިފަހައްޓާފައިވާ ކަމަށެވެ.

އެގޮތުން ބަންގްލަދޭޝްގެ މީހަކު ހިފަހައްޓައި އޭނާގެ ފޮށި ބަލައި ފާސްކުރުމުން، ފޮރުވައިގެން ގަވައިދާ ހިލާފަށް ބޭރުކުރަން އުޅުނު 81،030 ޑޮލަރު ފެނިފައިވާ ކަމަށް އެ ހިދުމަތުން ބުންޏެވެ.

މިއަދު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އާންމުކުރި ފޮޓޯތަކުން ހާމަވާގޮތުގައި، 80 ހާހަށް ވުރެ ގިނަ ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅުނީ ސީރިއަލް ފޮށްޓެއްގެ ތެރޭގައި ބަންދުކޮށްގެންނެވެ. ސީރިއަލް ފޮށި ކަނޑައި އޭގެ ތެރޭގައި އޮތް އުރަ ކަފާލައި ބެލި ބެލުމުން 81،030 ޑޮލަރުގެ ހަ ބަންޑެއްޔެއް އޮތް ކަން ފެނެއެވެ.

މި މީހާ މިހާރު ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޕޯސްޓުގައިވެއެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން ފައިސާ ބޭރުކުރާ ނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްސީލާއި އާމްދަނީ ލިބޭ ގޮތުގެ ތަފްސީލު ހާމަކުރަން ޖެހޭ ގޮތަށް ކަސްޓަމްގެ އުސޫލު ދާދިފަހުން އިސްލާހުކޮށްފައި ވެއެވެ. އެގޮތުން 10 ހާހަށް ވުރެ ގިނަ ޑޮލަރު ބޭރުކުރާ ނަމަ އެ ފައިސާ ހޯދިގޮތް ހާމަކުރަން ޖެހޭނެއެވެ.