2015 ވަނަ އަހަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބައެއް މުވައްޒަފުންނާ މެދު އަމަލުކުރި ގޮތުން ގެއްލުމުގެ ބަދަލާއި ޕެންޝަން ފައިސާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ 8 މުވައްޒަފަކަށް ދީފައިވާ ކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާ ގުޅޭ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެތަނުގައި މަސައްކަތް ކުރި 8 މުވައްޒަފަކު ވަކިކޮށްފައި ވަނީ ވަޒީފާގެ މަސްއޫލިއްޔަތައް އެ މުވައްޒަފުން އިހުމާލުވާ ކަމަށް ބުނެ ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މުވައްޒަފުން ވަކިކުރީ ސިވިލް ސާވިސް މުވައްފަޒުންގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހަމަތައް ފުރިހަމަ ނުކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަހެޅި މައްސަލައިގައި ވަނީ ބަދަލުގެ ގޮތުގައި މުވައްޒަފުންނަށް ފައިސާ ދިނުމަށާއި އަދާ ކުރަމުންދިޔަ ވަޒީފާ އަނބުރާ ދިނުމަށް އަންގާފައެވެ.
މި ނިންމުން ސިވިލް ސާވިސް ކޮމިޝނުން ހައިކޯޓުގައި އިސްތިއުނާފް ވަނީ ކޮށްފައެވެ. ހައި ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ 8 މުވައްޒަފުންނަށް 1.2 މިލިއަން ރުފިޔާ ދިނުމަށެވެ. އެއީ ހަ މަހާއި 24 ދުވަހުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާ ކަމަށާއި އެ ފައިސާ ވަނީ 2018 ވަނަ އަހަރު ދީފައި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.ނަމަވެސް ހައިކޯޓުން ކުރި ހުކުމްގައި ވަނީ އަނބުރާ ދެން ޖެހޭ ކަމަށް ޓްރައިބިއުނަލް އިން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަސް ބުނެފައެވެ.
ހައިކޯޓުގެ މި ނިންމުމާ ގުޅީގެން އެ 8 މުވައްޒަފުން ވަނީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކޮށްފައެވެ. ސުޕްރީމް ކޯޓުން ބެލި އެ މައްސަލަ ނިންމީ 2020 ވަނަ އަހަރުއެވެ. އެ މައްސަލައިގައިވާ ގޮތުން ވަޒީފާ އިން ވަކިކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އަސާސްތަކަށް ބަލާފައި ނުވާތީ، މޭ 2015 އިން ފެށިގެން ނޮވެމްބަރު 2015 އަށް ވާ ޕެންޝަން ފައިސާ އާއި މޭ/ ނޮވެމްބަރު 2015 އިން ފެށިގެން ނޮވެމްބަރު 2020 ވަނަ އަހަރާ ހަމައަށް ބަދަލުގެ ގޮތުގައި 8 މުވައްޒަފުންނަށް ވަނީ 11.3 މިލިއަން ދޭން ހުކުމް ކޮށްފައެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ދީފައިވާ ލަފާގައި ބުނެފައި ވަނީ، ވަޒީފާއާ ބެހޭ އެއްބަސްވުންތަކުގައި ދިމާވާ ހާލަތްތަކުގައި މުވައްޒަފުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅާފައި ނުވާތީ، މިއީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މިފަދަ މައްސަލަތަކުގައި އިޖުރާއަތްތައް ފުރިހަމަ ނުކޮށް، މުވައްޒަފުން ވަޒީފާ އިން ވަކިކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަަމށް ވެސް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެއެވެ.