މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރެވެހި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.
"ފްލައިޓް ރާޑަރު"ން ދައްކާ ގޮތުން ވައި ގަދަވެ، ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް ފްލައިޓްތަކަކަށް ވަނީ ރަންވޭއަށް ނުޖެއްސިފައެވެ.
އެގޮތުން މި ވަގުތު އެއާޕޯޓް ސަރަހައްދުގައި ޖައްސަން ނުކުޅެދިގެން ވައިގެ ތެރޭގައި މަޑުކޮށްގެން ތިބި އެއާލައިންތަކުގެ ތެރޭގައި އެރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސް އެއާ ހިމެނެއެވެ.
މީގެ އިތުރުން، ދުބާއީން ފުރައިގެން މާލެއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓް، މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ. އަދި އެރައިވަލް ބޯޑުން ފެންނަ ގޮތުގައި ފްލައި ދުބާއީ އާއި އެއާ އަރަބިއާގެ އިތުރުން އެތިހާދްގެ ފްލައިޓްވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ޑިލޭކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހެނދުނު 7:30 އިން 11:30 އަށެވެ.
