އިއްޔެ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައިވުމުން، އެ ޕޯސްޓުގެ ތަފްސީލު ހާމަ ކުރައްވައިފިއެވެ.

އިއްޔެ ނައިބު ރައީސް ކުރެއްވި ޕޯސްޓުގައިވަނީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއްކަމަށާއި އެއީ ދުނިޔޭގެ އާދަކަމުގައި ވިދާލުވެފައެވެ. އަދި އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގާދަރާއި، އުފާވެރިކަން މާ ރަނގަޅުކަމަށް ވިދާޅުވެ ނައިބުރައީސް ދެއްވި ނަސޭހަތުގައިވަނީ އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކުމަށް އެދިވަޑައިގެންފައެވެ.

މި ޕޯސްޓަކީ ސީދާ ކޮންކަމަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްތޯ ގިނަ ބަޔަކު ސުވާލުކުރަމުން އަންނައިރު ނައިބު ރައީސް ވަނީ ތަފްސީލުދެއްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވީ މި މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްމަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް ދެއްވި މެސެޖެއްކަމުގައެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ދައުލަތުގެ ވެރިންނާއި އިސްމަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެކަމަށް އިހްތިރާމް ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުޑަކޮށް އެ ނިންމުމަށް ގޮންޖެހުންކަމުގައި ގަބޫލުފުޅުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ނައިބު ރައީސް ވަނީ އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އިހްތިރާމާ ލޯބި ލިބޭނެ ގޮތަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.