ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑުންނާއި ނުހިއްކާ އޮތް ތަންތަނުންނާއި ހިއްކާ ނުނިމޭ ތަންތަނުން ދިން ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ހަދާ ނުނިމޭ ޓަވަރުތަކުން ދިން ފްލެޓުތައް ހަވާލުކުރުން ލަސްވާ ކަމަށްބުނެ އަނެއްކާވެސް އިހުތިޖާޖު ކޮށްފިއެވެ.

މި އިހުތިޖާޖު ކޮށްފައި ވަނީ ރޭ ރާޅުގަނޑު ސަރަހައްދުގައެވެ. އެގޮތުން އިހުތިޖާޖުގެ ބައިވެރިން ވަނީ އެއް ސަރުކާރުން ރައްޔިތުންނަށް ދީފައި ހުންނަ އަސާސީ ހައްގުތަކަށް އަނެއް ސަރުކާރުން އަރައި ނުގަތުމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ ގޯތިތަކާއި ފްލެޓުތައް ހަވާލުކުރުމަށް ގޮވާލާފައެވެ. އަދި ގޯތި ދިނުމަށް ހިއްކަން ފަށާފައިވާ ސަރަހައްދުތައް އަވަހަށް ހިއްކާ ނިންމުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އެމްޑީޕީ ސަރުކާރުން އެތަންތަން ކަނޑުންނާއި، ނުހިއްކާ ތަންތަނުންނާއި ހަދާ ނުނިމޭ ތަންތަނުން އާންމުންނަށް ދީ ބަހާލާފައި ވީ ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރޭގައި، އެމްޑީޕީ ސަރުކާރުން އެކަން އެގޮތަށް ކޮށްފައި އޮތް ނަމަވެސް އެ ރައްޔިތަކަށް ލިބިފައި އޮތް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފްލެޓް ތަރައްގީ ކުރަމުން އަންނައިރު، ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ. ނަމަވެސް އެކަންކަން ނިންމުމަށްފަހު އޮކްޓޯބަރު ފްލެޓުތައް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މިފަހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ފަޅުން ގޯތި ދޭ ގާނޫނެއް ނެތް ކަމަށާއި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަޅުން ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ވެލިދޫ ދާއިރާގެ އެމްޑީއެންގެ މެންބަރު މުހައްމަދު އައްބާސް ވަނީ ވިދާޅުވެފައެވެ. އެހެންވެ، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފްލެޓް ލިސްޓު ބާތިލު ކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ. ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.