ބިދޭސީން ލައްވައި ގަވައިދާ ހިލާފަށް މަސައްކަތްކުރުވައި، ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކުރި ހުރިހާ ކުންފުންޏެއް ތަހްގީކުރަން ނިންމާފައިވާ ކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ ވިޔަފާރިކުރުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަޒީފާ އާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާނެ ކަމަށާއި އެ އިސްލާހު އޮތީ ފާސްކުރުމުގެ މަރުހަލާގައި ކަމަށެވެ.

މި މައްސަލަ ސަރުކާރުން ވަރަށް ހައްސާސްކޮށް ބަލަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަދާ ދިރާސާތަކުން އެބަ ފާހަގަކުރެވޭ ބިދޭސީން ރާއްޖެ ގެނެސް މަސައްކަތްކުރުވާފަވާ ފަރާތްތަކުން ގަވައިދުން ސަރުކާރަށް ފީ ނުދައްކައި، ގިނަ އަދަދެއްގެ މީހުން ވަނީ ފިލާފަ ކަމަށް ރިޕޯޓުކޮށް ގިނަ އަދަދެއްގެ މީހުން ތިމަންނަމެންނަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނަމުންދާ މައްސަލަތައް، މިއިން ކޮންމެ ކުންފުންޏެއް އަޅުގަނޑުމެން ތަހްގީގުކުރާނަން،"

އިހްސާން ވިދާޅުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަދަ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށާއި، އެފަދަ ފަރާތްތަކަށް އެ ސިސްޓަމުން ދެމުންދާ ހިދުމަތްތައް މި މަހުގެ ނިޔަލަށް ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއަށްފަހު އެ ކުންފުނިތައް ތަހްގީގުކުރުމަށް ފުލުހުންނާ ހަވާލުކުރާނެއެވެ.

އޭގެ އިތުރުން ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދެނެގަނެ މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމުގައި ވެސް އިހްސާން ވިދާޅުވިއެވެ.

ސަރުކާރުގެ މި ޓާސްކްފޯހުގައި މިވަގުތު ހިމެނެނީ ހޯމްލޭންޑް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެ ވުޒާރާތަކުގެ ދަށުން ހިންގާ އިދާރާތަކެވެ.