ށ. ކަނޑިތީމުގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ކަނޑިތީމުގައި ސިހުރުހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ބައެއް ގޭގެ އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސިހުރު ހާހޫރައަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައަކަށްވެފައި ވާއިރު، ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ފެންމަތިވެ، ސިހުރު ހަދަން ގެންގުޅޭ ތަކެތި ފުލުހުން އަތުލާފައި ވެސް އެބަހުއްޓެވެ.