ރާއްޖޭގެ އިގްތިސޯދީ ސްޓްރެޓަޖީ ނުވަތަ އިސްތިރާޖު ގުޅިފައި ވަނީ ދާހިލީ ހަމަތަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ '2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް' ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިގްތިސޯދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްގީގެ ސްޓްރެޓެޖީތައް އެކުލަވާލުމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮންމެ ގައުމަކުން ވެސް އެ ގައުމުގެ ހާއްސަ ހާލަތްތަކަށާއި ވަސީލަތްތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެފަދަ ޖަޒީރާ ގައުމަކަށް އިގްތިސޯދީ ގޮތުން ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ތަރައްގީގެ ސްޓްރެޓެޖީތައް، ރާއްޖޭގެ ދާހިލީ ހަމަތަކާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވި ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އެ ހަމަތައް ހިފެހެއްޓުމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ކަމަށެވެ.

އިންކްލޫސިވް ގްލޯބަލައިޒޭޝަނަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރަންޖެހޭ ކަމަށާއި އެކަމަށް ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖެއިން އެ އެއްބާރުލުން ދޭނެ ކަމަށާއި ޗައިނާ އަދި އެހެން ގައުމުތަކާއެކު ވެސް މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ކުރިއަށްދާނީ މި މަހުގެ 18 އިން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ބައިވެރިވެ ވަޑައިގަންނަވައެވެ.