ސްރީލަންކާ އަށް ނިސްބަތްވާ މަސްބޯޓެއް އޮޔާ ދިއުމާ ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ސްރީލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެއްކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އަދި ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓު، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުގެ އިތުރުން ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.