ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި ވަނީ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓާ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓާ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑާޝިޕަށް ތައުރީފު ކުރައްވަމުން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން މުޅި ދުނިޔޭގައި ގާއިމްކުރަމުންދާ ސުލްހަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާގެ ގާނޫނުހަދާ މަޖިލިސް އައިޕީޔޫ އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން މަޖިލީހުގެ ރައިސް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ބަރުލަމާނީ އެއްބާރުލުމާއި މަޝްވަރާއަށް ޗައިނާއިން ޒަމާނުއްސުރެ ވައުދުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

"ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ގައުމެއް، ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ހާއްސަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންޓަރ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށާއި، އަދި ހަމައެހެންމެ ރާއްޖެއިން ޗައިނާއާއެކު 'ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަރޝިޕް' އެއް ދަމަހައްޓައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒު ހިފާފައިކަމަށް ވިދާޅުވިއެވެ.

މިމަހުގެ 18 އިން 23 އަށް ޗައިނާގެ ބެއިޖިންގ ގައި ކުރިއަށްދާ އިންޓާ-ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯ ޑިވެލޮޕިން ކަންޓްރީސް ސެމިނާގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައިޕީޔޫގެ ރައީސް އާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފައެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.