ކާފަގެ އެކައުންޓުން ކާފައަށް ނޭގި 1.8 މިލިއަން ރުފިޔާގެ ސްކޭމް ހިންގި މީހާއަށް ދިން އަދަބު ކުޑަކަމަށް މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ހަސަން ޒަރީރު ވިދާޅުވި 1.8 މިލިޔަން ރުފިޔާގެ ސްކޭމް ހިންގި މީހާގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވަނީ ކޮން ހަމަތަކެއްގެ މަތިން ކަން ސާފުނުވާކަމަށެވެ. އަދި މި ސްކޭމް ހިންގި މީހާގެ މައްޗަށް އަދަބެއްގެ ގޮތުން 115،400 ރުފިޔާ ޖޫރިމަނާއެއް ކޮށް، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމާ ސުވާލު އުފެދޭކަމަށް ހަސަން ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ޒަރީރު ވަނީ މިހާ ބޮޑު ޖަރީމާއެއް ހިންގި މީހަކަށް މިފަދަ ލުއި އަދަބެއް ދިނުމަކީ މައްސަލަ ހައްލުކުރަން އުދަގޫވާނެކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. "މިފަދަ ބޮޑެތި ވައްކަމުގެ މައްސަލަތަކުގައި މިކަހަލަ ލުއި އަދަބެއް ދިނުމުން ޢަދުލު އިންސާފުގެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ކުޑަވޭ. މިއީ ގާނޫނުގައި ހުރި މައްސަލައެއްތޯ ނުވަތަ ފަނޑިޔާރަށް އޮންނަ އިހްތިޔާރުގެ ސަބަބުން މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ" ހަސަން ޒަރީރު ވިދާޅުވިއެވެ.

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިޔަން ރުފިޔާ ނެގި މައްސަލާގައި ކުޑަކުއްޖަކު ހިމެނޭހެން 3 މީހެއްގެ މައްޗަށް ދައުވާކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން ކާފައަށް ނޭނގި، އެކިފަހަރު މަތިން 1.8 މިލިއަން ރުފިޔާ ފޮނުވުމުން އެ ފައިސާ ބޭނުންކުރި މައްސަލާގައި ދައުވާކޮށްފައިވަނީ ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށެވެ.

އެ އެކައުންޓްތަކަށް 1.8 މިލިއަން ރުފިޔާ ފޮނުވި ނަމަވެސް އޭގެ ތެރެއިން 1.6 މިލިއަން ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ. ފައިސާ ބޭނުންކުރި މީހާއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން އޭނާ އެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދައުލަތުން އެއްބަސްވީ ޖޫރިމަނާގެ އަދަބެއް އިއްވުމަށެވެ.