ފާއިތުވި އަހަރު ތެރޭގައި 50 ފުލުހަކަށް ފިޔަވަޅު އަޅައި 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ކޮންމެ ފުލުހަކީ ވެސް ހެދިފައިވާ ގާނޫނާއި އުސޫލުތަކާ އެއްގޮތަށް ހިދުމަތް ދޭ ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި ފުލުހުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމާއި ފުލުހަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ އެކަމަށް ވަގުތުން ފިޔަވަޅު އަޅައި، 2 ވަނަ ފަހަރަށް އެކަހަލަ ކަމެއް ނުކުރާނެ ގޮތަކަށް މުޅި ސިސްޓަމްގެ މަސައްކަތް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
އެގޮތުން ފުލުހުންނާ ގުޅިގެން ހުށަހެޅޭ މަސައްލަތައް ބަލަމުންދާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ ފާއިތުވި އަހަރު ތެރޭގައި ފުލުހުންނާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތައް ބަލައި، 50އަށް ވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އެޅާފައިވާ ކަމަށެވެ. އަދި 20 ފުލުހަކު ފުލުހުންގެ ހިދުމަތުން ވަކިކޮށްފައިވާ ކަމަށެވެ.
ސީޕީ ވިދާޅުވީ އެއްވެސް ފުލުހަކު އެ އޮންނަ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރާނަމަ އެ ފުލުހަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަށް ފާރަވެރިވާ މިނިވަން 2 މުއައްސަސާ އެބައޮތް ކަމަށާއި އެ 2 މުއައްސަސާއިން ހިންގާ ތަގުގީގުތަކަށް ވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުން ބަލައިގަންނަ މުއައްސަސާއަކަށް ހެދުމަށްޓަކައި ފަށާފައިވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި މަސްތުވާތަކެތި އަދި ގޭންގް މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރާ ތަން ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.