މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ތިން ރަށެއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފައިވާ ކަަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގައްދޫ، ފަހާގެ އަލީ ނަސީރު (38އ) ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި 96.4 ކިލޯ ހުރި އިރު ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ގައްދޫ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޮގަސްޓު 18 ވަނަ ދުވަހު ކ.ކާށިދޫ މިސްކިތު އިމާމު މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، އަދި ވިއްކާ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ގއ. މާމެންދޫ މޫނިމާގެ، ނަޒީހް ޝަރީފް (27އ) އަދި ޏ. ފުވައްމުލަކު ދަނޑިމަގު ވައިގެ މުހުސިން މުހައްމަދު (30އ) ހައްޔަރު ކޮށްފައި ވާކަމަށެވެ.
ފުލުހުން ބުނީ މާލެ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުންނާ މެދު ތުހުމަތު ކުރެވިގެން ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 69 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުުރަށް ފުލުހުން ބުނީ މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި ތިން މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.