ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެމްބަރަކު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތާއި ހިލާފުވެފައި ވަތީ މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދިނުމަށް ފެންނަ ކަމަށް ނެގި ވޯޓުގައި 63 މެންބަރަކު ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި 10 މެންބަރަކު ވޯޓު ދެއްވާފައި ވަނީ ލަފާދިނުމަށް ނުފެންނަ ކަމަށެވެ.
މަގާމުން ވަކިކުރުމަށް ފާސްކޮށްފައި ވަނީ:
- ރައީސް މުހައްމަދު މުނައްވަރު އަލީ
- ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލު
- މެންބަރު އަހުމަދު އަޝްރަފް
- މެންބަރު ހަދީޖާ ނައީމް
އެ މެންބަރުން މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާދޭން ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސލަ ޖުޑިޝަރީ ކޮމިޓީއުން ދިރާސާ ކުރުމަށް ފަހުއެވެ.
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ މި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ 7 ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި ޓެކްސް އެޕީލް ޓްރިބިއުނަލްއަށް ޒިޔާރަތް ކޮށްފައި ވާނެ ކަމަށާއި ކޮމިޓީއިން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށްޓަކައި، ޓްރައިބިއުނަލްގެ ރައީސް، ނައިބު ރައީސް އަދި މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭފައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބައެއް ކަންކަން، ހަރަދު ކުޑަކޮށް ކުރެވެން ހުރި ކަންކަން އެމަގުން ނުކޮށް ހުރިކަން އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެތެރޭގެ ހިންގުމުގައި ހުރި ކަންތައްތައް ހުސްނީ ފާހަގަ ކުރެއްވިއެވެ.
ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު (180 ދުވަހުގެ) ތެރޭގައި މައްސަލަ ނިމޭ މިންވަރު މަދުކަން ފާހަގަކުރައްވާ ހުސްނީ ވިދާޅުވީ އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން 51 މައްސަލަ ހުށަހެޅިފައި ވާއިރު އޭގެ ތެރެއިން 47 މައްސަލަ ނުނިމި އޮތް ކަމަށެވެ.
ހުސްނީ ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަ ބަލާ ބެންޗް ކަނޑައެޅުމުގައި މެންބަރުންގެ މެދުގައި ހަމަހަމަކަން ނެތް ކަމާއި، ބެންޗް ކަނޑައެޅުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެ އުސޫލާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތް އުސޭލެއްކަން ވެސް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.
އެގޮތުން ހުށަހެޅޭ މައްސަލައިގައި ހުރި ކަންކަމަށް ބެލުމަށްފަހު މެންބަރުންގެ ބައްދަލުވުމެއްގައި މަޝްވަރާ ކުރެވިގެން ބެންޗް ކަނޑައެޅުމަކީ މިހާރު އަމަލުކުރަމުންދާ އުސޫލުކަމަށް ވާއިރު، މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމިޓީއަށް ނުފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އިސްތިއުނާފީ ކޯޓުތަކުގައި ވެސް ބެންޗް ކަނޑައަޅާ އުސޫލުން ހުށަހެޅޭ މައްސަލައިގެ ތަރުތީބުން ކަނޑައަޅަމުން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެގޮތަށް ނިންމުމަށް ޓްރައިބިއުނަލްއަށް އެންގުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.
މެންބަރުން ވަކިކުރުމުގެ އިތުރުން ކޮރަޕްޝަންއާ ގުޅޭ ތުހުމަތުތައް ތަހުގީގު ކުރުމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އަށް ހުށަހެޅުމަށާއި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިންގުމަށް މިހާރު ނަގާފައިވާ އިމާރާތުގެ ޖާގައަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޖާގައެއް ކަމަށްވާތީ، ދައުލަތުގެ ހަރަދު އެއަށްވުރެ ކުޑަކޮށް މެނޭޖްކުރެވޭނެ ގޮތަށް އެކަންކަން ކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ދެންނެވުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.