ރާއްޖޭގައި ބޮޑު ކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ލޭނު މަސްވެރި ކަމަށް ހުއްދަ ދީފިނަމަ ދިމާވެދާނެ ގެއްލުންތައް ހާމަކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 47 މެންބަރުން ވޯޓު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއިން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރުތަކުގައި އެކި ފަހަރު މަތިން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް މި ނިންމުން ތަންފީޒު ކޮށްފައި ނުވާކަމަށެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ބަދަލު ކުރުމަށް ގޮވާލައްވަމުން މައުރޫފް ވަނީ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ މީގެކުރިން ދީފައިނެތް ސަބަބު ހާމަކުރައްވާފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އެކަމަށް ހުއްދަ ދީފިނަމަ ކަނޑުގެ ދިރުންތައް ނެތިދިއުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި މަސްވެރިކަމުގެ އަމާޒަކަށް ނުވާ އަދި ނެތި ދިއުމުގެ ބިރު އޮތް ދިރުންތަކެއްވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރައަކަށް ވެދާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ތަފާތު އެކި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ މި ހުއްދަ އަލުން ދީފިނަމަ ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން މަސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އަދި ތިމާވެއްޓާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް އެބަހުރި ކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ ލޭނު އެޅުމުގެ ހުއްދަ ދީފިނަަމަ، އެކަމުގެ ކޯޓާތައް އެންމެ ބޮޑަށް ލިބިގެން ދަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ކަަމަށެވެ. މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާންމު މަސްވެރިންނަށް ނުލިބުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ އާމްދަނީ މަދުވެ، ވިޔަފާރިތައް ބަނގުރޫޓު ވެދާނެ ކަމަށެވެ. އަދި ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމުގެ ސަބަބުން، ނުސީދާ ގޮތުން އެ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ދިއުމަށް މަގުފަހުވެގެން ދާނެ ކަމަށެވެ.