އަހަރަކު ދެ ފަހަރު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް، ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހުގެނައުމާ ހަމައަށް ގާނޫނުގައި އޮންނަނީ ކައުންސިލަރެއްގެ މަގާމެއް ނުވަތަ އަންހެނުންގެ ކޮމިޓީގެ މެންބަރެއްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަކަށް އަލުން މެންބަރަކު އިންތިހާބުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މި އިސްލާހާއެކު ދެން ބައި-އިލެކްޝަން ބާއްވަން ޖެހޭނީ 183 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. އަދި 2 ބައި-އިލެކްޝަންގެ ދެމެދުގައި 120 ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާންޖެހޭނެއެވެ.

ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމެއް ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭނެ ކަމަށް މި އިސްލާހުގައި ވެއެވެ. އަދި ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަހުގެ ތެރޭ އެ މަގާމުތަކަށް އިންތިހާބުކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

އެހެން ނަމަވެސް ރައީސް، މޭޔަރު، ނައިބު ރައީސް އަދި ޑެޕިއުޓީ މޭޔަރުގެ މަގާމު އެއްފަހަރާ ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭ އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށް ވެސް މި އިސްލާހުގައި ވެއެވެ.