ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓަކު އިންތިހާބުވެއްޖެނަމަ، އައްޑޫގެ ތަރައްގީއާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ސޯދިގު މިހެން ވިދާޅުވީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕޭން ނިންމުމަށް ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫ ސްކޫލުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި އެމްޑީޕީގެ އިސްވެރިންގެ އިތުރުން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާގައި މުހާތަބު ކުރައްވަމުން ސޯދިގު ފާހަގަކުރެއްވި ގޮތުގައި، މި އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށްފިކަން މިހާރު ވެސް އޮތީ ކަށަވަރުވެފައެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ދާއިރާގެ ކެމްޕޭނަށް އައްޑޫއަށް ވަޑައިނުގަތުން ކަމަށާއި، މިއީ އިދިކޮޅު ޕާޓީން އިންތިހާބު ކާމިޔާބުކުރާނެކަން ސަރުކާރަށް ވެސް އެނގޭ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސޯދިގު ވިދާޅުވީ، ހަންކެޑެ ފަދަ އައްޑޫގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނުނިމި ލަސްވާ ސަބަބާ މެދު ސުވާލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހުގައި ފާޅުކުރާނެ މެންބަރަކު ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި އޭނާ މި އިންތިހާބަށް ކުރިމަތިލެއްވުމުން އައްޑޫގެ މަޝްރޫއުތަކަށް ސަރުކާރުން ކުއްލި ސަމާލުކަމެއް ދޭން ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
