މިއަދު ކުރިއަށް ދިޔަ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ވަގުތުހަމަވެ، ކިއުތައް ބަންދުކޮށްފިއެވެ.

ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާ ހަމަ އަށެވެ.

އީސީން ބުނީ މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ އިތުރުބުރުގައި ބެހެއްޓިފައިވާ ހުރިހާ މަރުކަޒެއްގެ ވޯޓުނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއް ބަންދުކޮށްފައިވާ ކަމަށެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި، މެންދުރު 3:00 އާ ހަމައަށް 3892 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1924 އަންހެނުންނާއި 1968 ފިިރިހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 6093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ، 19 އެޕްރީލް ވާ އާދިއްތަ ދުވަހުއެވެ.