ވެމްކޯ ސައިޓްގައި އަނިޔާ ލިބިފައި ހުރި މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއަދު މެންދުފަހުގެ ވަގުތެއްގައި ވެމްކޯ ސައިޓްގައި އަނިޔާ ލިބިފައިވާ މީހަކު ހުރި ކަމަށް ބުނެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެމީހާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ބޯ ފެޅިފައި ވެއެވެ.
މި ހާދިސާ އާ ބެހޭގޮތުން ފޮޓޯ އާންމު ކޮށް އާންމުންގެ މީހަކު ބުނެފައި ވަނީ ހާދިސާގައި އަނިޔާވެފައި ވާ މީހާ އަކީ މާލޭ ބަސް ޓާމިނަލް ފަހަތުގައި އޮންނަ ވެމްކޯގެ ސަރަހައްދުގައި ހުސްގޯނި ހޮވަން އުޅުނު މީހެއް ކަމަށެވެ. އަދި އަނިޔާވެފައި ވަނީ މާރާމާރީއެއް ހިންގައިގެން ކަމަށާއި އެ މާރާމާރީ ހިންގި މީހުންގެ ތެރޭގައި ވެމްކޯގެ ޔުނިފޯމްގައި ތިބި 2 މީހަކާއި ކުލަހެދުމުގައި ތިބި 2 މީހަކު ހިމެނޭ ކަމަށެވެ.
ނަމަވެސް މިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.